ކޮންމެ ޒަމާނެއްގައިވެސް އަދި ކޮންމެ ތަނެއްގައިވެސް، އުޅޭ ކޮންމެ މަޔަކަށް ކުރިމަތިވާ އުނދަގޫތައް އަހަރެންނަށްވެސް ކުރިމަތިވިއެވެ. އެއީ ކުދިންގެ އަޑުގަދަކަމާއި، ހަލަނިކަމާއި، ގޭތެރޭގެ އެތަންމިތަނަށް އެއްޗެހި އުކާފައި ހުރުމާއި މިފަދަ ކަންކަމުންނެވެ. (އަހަރެން އުޅުނީ ޚާދިމަކާއި ނުލައެވެ.) އެންމެ އުނދަގޫ ކަމަކަށް އަހަރެންނަށް ކުރިމަތިވީ އެކުދިން އެކަކު އަނެކަކާއި ދެބަސްވާ ދެބަސްވުންތަކެވެ. އަދި އަހަރެންނަށް ފުރިހަމަ ނިދި ނުލިބުމާއި، އަހަރެން އަރާމުކޮށްލަން ލިބޭ ވަގުތަށް ބުރުއެރުމެވެ. އެކުދިންގެ އުޅުން އިސްލާހުކުރުމުގައާއި، އެކުދިންގެ އެކިކަންކަން ބެލެހެއްޓުމުގެ ސަބަބުން އަހަރެންނަށް ވަރުބަލިކަން އިހުސާސްވިއެވެ. ރިވެތި އުސޫލުތަކާއި، ރިވެތި އަދަބުތައް ކިޔައިދިނުމުގައި ވަރުބަލިވާ ވަރަށް އުޅުނީމެވެ. އެކުދިންގެ ޢަޤީދާ ސަލާމަތްކަން މަތީ ދެމެހެއްޓޭތޯ ބެލުމުގައްޔާއި، އެކުދިން އަޅުކަންތައް އަދާކުރަނީ ރަނގަޅަށްތޯ ބެލުމުގައި އަހަރެން ވަރުބަލިވާ ވަރަށް ވަގުތު ހޭދަކުރީމެވެ. އަހަރެން ވަރުބަލިކުރުވީ މިފަދަ ކަންކަމެވެ. ހަމަ މިއާއެކުވެސް، އެހެނިހެން މައިންނެކޭ އެއްފަދައިން އަހަރެން ގަދައަޅައި މަސައްކަތްކުރީމެވެ. ވަރުބަލިކަން އިހުސާސްވާ ވަރަށެވެ.


